ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ފޮރެންސިކް ފްރެންޑްސް ކާމިޔާބު ކޮށްފި
28 ޖޫން 2026 - 08:24

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅުން "ސީޕީ ކަޕް ވޮލީބޯޅަ" މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށި ފޮރެންސިކް ފްރެންޑްސްއިން އައިޑީ އަށް ބަދައްލުކޮށް ކާމިޔާބު ކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި މެޗު، ފޮރެންސިކް ފްރެންޑްސްއިން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުން އައިޑީ ކްލަބް ބަލިކުރުމަށް ފަހު އެވެ. މި މެޗު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކްލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަންހެން ނައިބު ރައީސް އާއިދާ ޢަބްދުލް ޙަކީމްގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވި އެވެ.

Ad by Hajj Corporation
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފޮރެންސިކް ފްރެންޑްސްގެ އާމިނަތު މާނާ ނާޒިމެވެ. މާނާ ވަނީ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޮރެންސިކް ފްރެންޑްސްގެ އާމިނަތު ސަހާ ސާމިން އެވެ.
މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމު ހާސިލުކުރީ ފޮރެންސިކް ޓީމުގެ އާމިނަތު މާނާ ނާޒިމް، ހައިފާ ޢިމާދު އަދި އާމިނަތު ސަހާ ސާމިންގެ އިތުރުން، އެސްއޯއާރުސީގެ މަރިޔަމް އަނާލް އަދި އައިޑީ ކްލަބުގެ އާމިނަތު ޢަރީޝާ އާއި ޙައްވާ ރާޝިދާ އެވެ.
މި ބާރާތުގެ އެންމެ މޮޅު ލިބެރޯގެ މަގާމު ފޮރެންސިކް ފްރެންޑްސްގެ އާމިނަތު އައިކާ ޢަލީ ހޯދިއިރު، އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެ ޓީމުގެ ވިޝާނާ ޢަބްދުއް ރައްޒާޤެވެ. މީގެއިތުރުން، އެންމެ ފައިދާހޯދައިދިން ކޯޗުގެ މަގާމު ފޮރެންސިކް ފްރެންޑްސްގެ ޖުނައިދު ޢަބްދުﷲ ހާސިލުކުރިއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެސްއޯއާރުސީ ހާޓްބީޓެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިހާރު ފަށާފައިވާއިރު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.


