ސްކޭމް މައްސަލަތަކުގެ ގެއްލުން 35 މިލިއަން ރުފިޔާ އަށް، އަނބުރާ ހޯދުނީ 13 މިލިއަން ރުފިޔާ
10 އޯގަސްޓު 2026 - 11:58

އެންޓި ސްކޭމް ސެންޓަރު ވުޖޫދުވީ ދުވަހުން ފެށިގެން، އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާއިރު، މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ގެއްލިފައި ވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ގެއްލިފައިވާއިރު،މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) އެވެ. މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. ފުލުހުން ބުނީ 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށާއި ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

Ad by Hajj Corporation

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕަރސަނޭޝަން) 439 މައްސަލަ ހިމެނެއެވެ.
މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ އަޅުގަނޑުމެން ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށެވެ. މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އަދި ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެއެވެ.

ފުލުހުން ވަނީ ، އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށް އިލްތިމާސްކޮށްފަ އެވެ.
"ތިން ހާސް މައްސަލަ މިހާރުވެސް ވަނީ ރިޕޯޓްކުރެވިފައެވެ. ސްކޭމްގެ 3001 ވަނަ މައްސަލައަކީ ތިބާއަށް ކުރިމަތިވާ ހާދިސާއަކަށް ނުހައްދަވާ: ފުލުހުން
އަދި މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމުގެ އިތުރުން ، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަސާއި،ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.


