މާލޭ މަގުތައް ހެދުމުގެ މަޝްރޫއު ފަށާނީ މައިމަގުތަކުން، އެންމެ ފުރަތަމަ މަޖީދީ މަގު: މިނިސްޓަރު
30 ޖޫން 2026 - 05:21

މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާނީ މަޖީދީ މަގުން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވޮލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މި ސާވޭގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަޝްރޫއުގެ އެންމެ މުހިންމު ފިޒިކަލް ސާވޭތައް ކަމަށެވެ. އަދި އުންމީދަކީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަގުތަކުގެ ޑީޓެއިލް ޑިޒައިން އެކުލަވައިލާއިރު މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، މަގުތަކުގައި ހުރި އެހެނިހެން ދަތިތަކަށް ގެނެވޭނެ ހައްލުތައްވެސް މި ދިރާސާގެ ތެރެއިން ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.
މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި ބިޔަ މަޝްރޫއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސާވޭގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީމުން ވަނީ މަގުތައް ޑިޒައިން ކުރުމާ ގުޅޭ ފަންނީ މައުލޫމާތުތައް މިނިސްޓަރަށާއި ޗައިނާ ސަފީރަށް ހިއްސާކުރައްވާފައެވެ.


