މާލޭ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
30 ޖޫން 2026 - 16:01

މާލޭގެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ބާރުމިނުގައި ފެތުރެމުންދާއިރު، މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ އުމުރުން 18 އަހަރުން މަތީގެ މީހުންނެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށްވީ ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ދިވެހިންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. މިހާތަނަށް ފެނުނު 66 ކޭސްގެ ތެރެއިން 13 މީހަކަށް މިހާރުވެސް ބަލި ޖެހިފައިވާ އިރު، ބަލި ޖެހުނު މީހުންނާ ބައްދަލުވި ނުވަތަ ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.

Ad by Hajj Corporation
ބަލި ދެނެގަތުމަށްޓަކައި މިހާތަނަށް 569 ލެބޯޓްރީ ޓެސްޓު ހަދާފައިވާ އިރު، ބަލި ފެތުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ބަލައި ފާސްކުރެވޭނެ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ. މީގެ މައިގަނޑު މަގުސަދަކީ ބަލި ހުރި ކަމަށް ޝައްކުވާ މީހުން އަވަހަށް ދެނެގަނެ، ބަލި ފެތުރުން ކުޑަކުރުމެވެ.
ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން، ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަނުކުރާ 2,048 މީހަކަށް ވެކްސިން ދީފައިވެއެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 1,118 މުވައްޒަފަކަށް ވެސް ވަނީ ވެކްސިން ޖަހާފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ މި މަސައްކަތަށް އެހީވުމުގެ ގޮތުން 20,000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ސިއްހީ ތަކެތި ހަދިޔާކޮށްފައެވެ.
ރާއްޖޭގައި ހިމަބިހި ވެކްސިން 1983 ގައި ދޭން ފެށި އިރު، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅިއެވެ. ނަމަވެސް އޭގެ ފަހުން ވެސް ބައެއް ފަހަރު މި ބަލި ފެންނަމުންދެއެވެ. ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ބަލި ޖެހިފައިވާ މީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރެއިންނާއި، ޖަރާސީމު ހުރި ތަންތަނުގައި އަތްލުމަށްފަހު ސާފުނުކޮށް މޫނުގައި އަތްލުމުން ފެތުރޭ ބައްޔެކެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުން، އަރިދަފުސް ފޭބުން، ކެއްސުން، ކަރުގައި ރިހުން، ވަރުބަލިވުން އަދި ހަށިގަނޑުގައި ރިއްސުމާއި ކާހިތްނުވުން ހިމެނެއެވެ.


