ހެލްތް މިނިސްޓްރީން ކ. އަތޮޅަށް އަމާޒުކޮށް ބޭއްވި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޕްރޮގްރާމް ނިންމާލައިފި
1 ޖުލައި 2026 - 05:45

ނަފްސާނީ އަދި އިޖްމާއީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރު އިތުރުކުރުމަށް އަމާޒުކޮށްގެން ހެލްތް މިނިސްޓްރީ ބޭއްވި "ސައިކޮލޮޖިކަލް ފަސްޓް އެއިޑް" ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.
ހެލްތް މިނިސްޓްރީއާ ރެޑްކްރެސެންޓް ގުޅިގެން މި މަހުގެ 29 އިން 30 އަށް މާލޭގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.

Ad by Hajj Corporation
މި ހަރަކާތަކީ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި ނަފްސާނީ ގޮތުން އަސަރުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އިލްމާއި އަމަލީ ހުނަރު ބައިވެރިންނަށް އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ކ. އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިން ހިމެނުނުއިރު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ޖުމްލަ 25 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން، ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތްތަކާއި، އެހީތެރިކަން ފޯރުކޮށްދޭނެ މާހައުލުތަކުގެ އިތުރުން، އިތުރު ފަރުވާއަށް ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ބައިވެރިން އަހުލުވެރިކުރެވުނެވެ. މީގެ އިތުރުން، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމުގެ މުހިންމުކަމާއި، އަމިއްލަ ނަފްސަށް އަޅާލާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ޕްރޮގްރާމްގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
މިފަދަ ތަމްރީނުތަކަކީ ރާއްޖޭގެ ރަށްތަކުގައި ދިމާވާ އެކި ހާދިސާތަކާއި ކާރިސާތަކުގައި، ރަށު ފެންވަރުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


