ސްކޫލްތަކުގެ ރަޖިސްޓަރީގައި ތިބި 8000 ދަރިވަރުން ސްކޫލަށް ނުދާކަމުގެ ކަންބޮޑުވުން މިނިސްޓަރ ފާޅުކުރައްވައިފި
2 ޖުލައި 2026 - 11:50

ސްކޫލްތަކުގެ ރަޖިސްޓަރީގައި ތިބި 8000 ދަރިވަރުން ސްކޫލަށް ނުދާކަމުގެ ކަންބޮޑުވުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ފާޅުކުރައްވައިފިއެވެ.
ކީސްޓޭޖް-3ގެ އުނގެނުމުގެ ނަތީޖާތަކާ ގުޅޭ 2025 ވަނަ އަހަރުގެ ރިޕޯޓް ނެރުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ، ކިޔެވުމުގެ ފެންވަރު ރަނގަޅު ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ގަވާއިދުން ސްކޫލަށް ދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

Ad by Hajj Corporation
މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި މި ފަހަކަށް އައިސް ސްކޫލްތަކުގެ ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުގޮސް ތިބޭކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށާއި، މިއީ ބެލެނިވެރިންނާއި މުދައްރިސުން ހިމެނޭހެން އެންމެން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހާއްސަކޮށް، ވޯލްޑްކަޕް ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިނގަމުންދާ ދަނޑިވަޅެއްގައި ވެސް، ގާތްގަނޑަކަށް އަށް ހާހެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ޝަފީއު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޫލަށް ނުދާ ކުދިންގެ ތެރެއިން 40 އިންސައްތައަކީ މާލޭގެ ސްކޫލްތަކުގައި އުޅޭ ކުދިންނެވެ. މިގޮތަށް ކިޔެވުމާ ދުރުވުމުގެ ސަބަބުން ފިލާވަޅުތައް ގެއްލި، ދަރިވަރުންގެ ނަތީޖާއަށް ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ސްކޫލަށް ނުގޮސް ހޭދަވާ ކޮންމެ ދުވަހަކީ ކުއްޖާގެ އުނގެނުމަށް ލިބޭ އުނިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ސްކޫލަށް ހާޒިރުވާ ކުދިންގެ ތަފާސްހިސާބުތައް ކޮންމެ ދުވަހަކު ވަކިވަކިން ބަލަމުންދާ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މީގެ ކުރިން މިނިސްޓްރީއަށް މިފަދަ މައުލޫމާތު ލިބެނީ ވަކި އަދަދަކަށްވުރެ ގިނައިން ކުދިން ހާޒިރުނުވާނަމަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިޒާމު ހަރުދަނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ދަރިވަރުންގެ ހާޒިރީ ބެލެހެއްޓުމަށްޓަކައި މިދިޔަ މަހު ވަނީ ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ވެސް ތައާރަފުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ނުދިއުން އާދައަކަށް ވެއްޖެނަމަ ސްކޫލަށް ދާން ދަރިވަރުން ފޫހިވާނެ ކަމަށާއި، އެއީ ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް ހައްލުކުރަން އުނދަގޫވާނެ ހާލަތެއް ކަމަށެވެ. އެހެންކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރެއްވިއެވެ.


