ކާބޯގެ ކުޅުންތެރިޔަކު ބައިކޮޅަށްޖެހި ގޯލާއެކު ވޯލްޑް ޗެންޕިއަން އާޖެންޓީނާ ބޮޑު ލަދަކުން ސަލާމަތްވެއްޖެ
4 ޖުލައި 2026 - 03:54

ވޯލްޑް ކަޕްއަށް އަލަށް ކޮލިފައިވި އެންމެ ކުޑަ އެއް ޤައުމުކަމަށްވާ ކާބޯ ވާޑޭގެ ކުޅުންތެރިޔާގެ އަތުން ބައިކޮަށް ވަތް ގޯލާއެކު އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާ ބޮޑު ލަދަކުން ސަލާމަތްވެއްޖެއެވެ. ގަދަ 32 ގެ ބުރުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު މެޗުގެ އިތުރު ވަގުތުގައި ބައިކޮޅަށް ޖެހި ގޯލާއެކު 3-2 އިން ކާމިޔާބުކޮށް، މުބާރާތުގެ ދިފާއީ ޗެމްޕިއަން އާޖެންޓީނާ ވަނީ ކުއްލި ޝޮކަކުން ސަލާމަތްވެފައެވެ. މި މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވޯލްޑް ކަޕްގައި ކުޅުނު 30 ވަނަ މެޗަށް ވާއިރު، އޭނާ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި 30 މެޗު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނެޓުގައި ލިސަންދްރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ވަނީ ލަނޑެއް ޖަހައި އާޖެންޓީނާއަށް ކުރިހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު ކޭޕް ވާޑްގެ ޑެރޯއީ ޑުއާޓޭ ވަނީ މޮޅު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad by Hajj Corporation
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ލިސަންދްރޯ މާޓިނޭޒް ވަނީ އާޖެންޓީނާއަށް އަލުން ކުރިހޯދައިދީފައެވެ. އެކަމަކު ކޭޕް ވާޑްގެ ސިޑްނީ ކަބްރާލް ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލުތަކުގެ ތެރޭގައި ހިމެނޭނެ ފަދަ ރީތި ގޯލެއް ޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފައެވެ.
އާޖެންޓީނާ މޮޅުވި ލަނޑަކީ މެސީ ނެގި ކޯނަރަކުން ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖެހި ބޯޅައެއް ކޭޕް ވާޑްގެ ޑިނޭ ބޯޖެސްގެ ގައިގައި ޖެހިފައި ވަން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެ ޓީމަށް އިރުޝާދުދިން 100 ވަނަ މެޗެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ ވަނީ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދާފައެވެ. ގަދަ 16 ގައި އާޖެންޓީނާ ބައްދަލުކުރާނީ މިސްރާއެވެ. ކޭޕް ވާޑް މުބާރާތުން ކެޓި ނަމަވެސް، ދުނިޔޭގެ ވަރުގަދަ ބާރަކާ ދެކޮޅަށް އެ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.


