ސްޓޭޓްފާމާގެ މެނޭޖްމަންޓުން އޭދަފުށީ ކައުންސިލާ ބައްދަލުކޮށްފި
6 ޖުލައި 2026 - 14:58

ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި އެ ކުންފުނީގެ އިސް މެނޭޖްމަންޓުން ބ. އޭދަފުށީ ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށުގެ ރައްޔިތުންނަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭސް ލިބުމުގައި ދިމާވާ ކަންބޮޑުވުންތައް ކުންފުނީގެ މެނޭޖްމަންޓާ ހިއްސާކޮށްފައެވެ.

Ad by Hajj Corporation
ކައުންސިލުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ސްޓޭޓްފާމާގެ އެމްޑީ ޝާހު މާހިރު ވިދާޅުވީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން، ޝާހު ވަނީ "ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދޭނެ" ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހަރުދަނާ ސިޔާސަތެއް ބިނާކުރުމުގެ މަގުސަދުގައި ސްޓޭޓްފާމާއިން މިހާރު ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އޭދަފުށީގައި ބޭއްވި ބައްދަލުވުމުގައި، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުން އަހުލުވެރިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.


