އީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ އައްޔަންކުރަނީ
7 ޖުލައި 2026 - 06:25

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު ދިނާޔާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެކަމަނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.
ދިޔާނާ ވަނީ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ވެސް މިދިޔަ އޭޕްރިލް މަހު، އައްޔަން ކުރައްވާފަ އެވެ. އަދި އެކަމަނާ ވަނި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފަ އެވެ.


