logo
Bank of Maldives

Bank of Maldives

ދުނިޔެ

އިލޮން މަސްކުގެ މައްޗަށް ކުރި ޓްވިޓާ އޮޅުވާލުމުގެ ހުކުމް ދަމަހައްޓަން އެމެރިކާގެ ކޯޓަކުން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖުލައި 2026 - 11:34
މަސްކު
މަސްކު

ސެން ފްރަންސިސްކޯގެ ޔޫ.އެސް ޑިސްޓްރިކްޓް ޖަޖް ޗާލްސް ބްރެޔާ ވަނީ، އިލޮން މަސްކް ޓްވިޓާގެ އިންވެސްޓަރުންނަށް އޮޅުވާލި ކަމަށް މާރިޗު 20 ގައި ޖޫރީން ނެރުނު ނިންމުން ބާތިލްކޮށްދިނުމަށް މަސްކްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް އިންކާރުކޮށްފައެވެ.

ޖޫރީން ނިންމާފައިވަނީ، ޓްވިޓާގައި ހުރި 'ބޮޓް' ނުވަތަ ފޭކް އެކައުންޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ހުރެ ޓްވިޓާ ގަތުމުގެ މުއާމަލާތް "މެދުކަނޑާލާފައިވާ" ކަމަށް ބުނެ މަސްކް ކުރި ޓްވީޓުގެ ސަބަބުން ކުންފުނީގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ހުކުމާ އެކު، އިންވެސްޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން 'ޕްރީޖަޖްމަންޓް އިންޓްރެސްޓް' ދިނުމަށް ވެސް ފަނޑިޔާރު ވަނީ އަމުރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަނޑިޔާރު ބްރެޔާގެ ނިންމުމުގައި ފާހަގަކުރައްވާފައިވަނީ، 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމުން ރެކުމަށް ނުވަތަ އަގު ދަށްކޮށް އަލުން ވާހަކަދެއްކުމަށް މަސްކް ބޭނުންކުރި އުކުޅެއްގެ ގޮތުގައި އެ ޓްވީޓް ބެލެވޭނެ "ވަރުގަދަ ހެކިތަކެއް" އެބަހުރި ކަމަށެވެ. ނަމަވެސް، 'ބޮޓް' ތަކުގެ އަދަދު ކަށަވަރު ނުވަނީސް މުއާމަލާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަސްކް ކުރި އެހެން ޓްވީޓަކުން ބާޒާރަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާތީ، އެ މައްސަލައިގައި މަސްކް ކުށްވެރިނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ޖޫރީން މަސްކަށް މަލާމާތްކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެފައިވެއެވެ. އެގޮތުން ޖޫރީގެ ނިންމުމުގައި "4.20" ލިޔެފައިވަނީ މަސްކް މީގެ ކުރިން ބޭނުންކޮށްފައިވާ 'މަރިޖުއާނާ' އާ ގުޅުންހުރި ނަމްބަރަކަށް ވާތީ އެކަމަށް އިޝާރާތްކޮށް ކަމަށް މަސްކް ބުންޏެވެ. ނަމަވެސް ފަނޑިޔާރު މިކަން ބަލައިނުގަނެ ވިދާޅުވީ، ޖޫރީން ހަތަރު ދުވަސް ވަންދެން މަޝްވަރާކޮށް ބައެއް ކަންކަމުގައި މަސްކާ އެއްކޮޅަށް ވެސް ނިންމާފައިވާތީ، އެއީ ތައައްސަބެއް އޮވެގެން ކުރި ކަމެއް ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

މި ހުކުމަކީ ބޮޑެތި ކުންފުނިތަކުގެ ވެރިން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކުގެ ސަބަބުން ކުރިމަތިވެދާނެ ގާނޫނީ ނުރައްކާތައް ހާމަކޮށްދޭ ކަމެކެވެ. މީގެ ކުރިން 2018 ވަނަ އަހަރު ޓެސްލާއާ ގުޅޭގޮތުން މަސްކް ކުރި ޓްވީޓަކާ ގުޅިގެން ވެސް އޭނާއަށް ވަނީ ގާނޫނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މި ފަހަރުގެ ނިންމުމުން ދޭހަވަނީ ބާޒާރަށް އަސަރުކުރާ ފަދަ ދޮގު މައުލޫމާތު ފަތުރާ ކުންފުނިތަކުގެ ވެރިން ޒިންމާދާރުކުރުވުމުގައި ކޯޓުތަކުން ފަސްނުޖެހޭނެ ކަމެވެ.

މި މައްސަލައިގައި އިންވެސްޓަރުންނަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ. މިއީ އިލޮން މަސްކަށް މާލީ ގޮތުންނާއި ގާނޫނީ ގޮތުން ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްކުގެ މައްޗަށް ކުރި ޓްވިޓާ އޮޅުވާލުމުގެ ހުކުމް ދަމަހައްޓަން ކޯޓަކުން ނިންމައިފިދުނިޔެ | 2 ގަޑިއިރު ކުރިންކައި ޓްރަމްޕްގެ ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | 2 ގަޑިއިރު ކުރިންޖަޕާނާ ގުޅުންހުރި 10 އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅިން ނުކުމެއްޖެދުނިޔެ | ދުވަހެއް ކުރިންއެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ ޙަފްލާގައި ޓްރަމްޕް ދެއްކެވީ ބާރުވެރިކަން، އޯގާތެރިކަމެއް ނޫން: ބޮޑީ ލޭންގުއޭޖް އެކްސްޕާޓްދުނިޔެ | ދުވަހެއް ކުރިން