އީރާނުގެ ދެކުނު ސަރަހައްދުތަކަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެނީ
8 ޖުލައި 2026 - 13:52

އީރާނުގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި ތިން ޓޭންކަރަކަށް އަންގާރަ ދުވަހު އީރާނުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގައި އޮންނަ ގޭޝްމް އައިލެންޑާއި ސިރިކް ބަނދަރު ހިމެނޭ ސަރަހައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. ދައުލަތުގެ ޓީވީން ބުނެފައިވަނީ ގޭޝްމް އައިލެންޑުން ހަ ގޮވުމެއް އަދި ސިރިކް ބަނދަރު ސަރަހައްދުން ހަތް ގޮވުމެއް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation
ގޭޝްމް އައިލެންޑާއި ސިރިކް ބަނދަރަކީ ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދެމެހެއްޓުމަށް އީރާނުން ބޭނުންކުރާ އިސްތިރާޖީ ގޮތުން މުހިންމު ދެ ސަރަހައްދެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާތަކުގައި ސިރިކްގައި ހުރި އީރާނު ކަނޑުގެ ސިފައިންގެ ގިނަ އަދަދެއްގެ ކުދި ބޯޓުތައް ވަނީ ހަލާކުކޮށްލާފައެވެ.
އެމެރިކާއިން ސީދާ އަމާޒުކުރަނީ ކޮން ތަންތަނަކަށް ކަން އަދި ކަށަވަރު ނުވި ނަމަވެސް، މީގެ ކުރިން މިފަދަ ހާލަތްތަކުގައި ހަމަލާ ދީފައިވަނީ މުވާސަލާތީ ޓަވަރުތަކާއި، ރާޑަރު ސިސްޓަމްތަކުގެ އިތުރުން މިސައިލާއި ޑްރޯން ފޮނުވާ މަރުކަޒުތަކަށެވެ.
އީރާނުން އަންގާރަ ދުވަހު ޓޭންކަރުތަކަށް ހަމަލާދިނީ، އެމެރިކާގެ ހިމާޔަތުގައި އެ ގައުމުން ކަނޑައަޅާފައިވާ 'ސަދަން ރޫޓް' މެދުވެރިކޮށް އީރާނުގެ އެންގުންތަކާ ހިލާފަށް ދަތުރުކުރަން އުޅުމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ މި އަމަލަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު، ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.


