129 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަންނަ އަހަރުގެ ޖުލައިއަށް ނިންމަނީ
10 ޖުލައި 2026 - 11:30

ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ރަށްރަށުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މާލީ ދަތިތަކާއި، މަރުކަޒުތައް އަޅާނެ ތަންތަން ބަދަލުކުރަން ޖެހުން ފަދަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ކުނިކޮށި އަޅާ ބިން ބަދަލުކުރުމުގެ ސަބަބުން އަލުން ޑިޒައިން ކުރަން ޖެހުމުން، ކޮންމެ މަރުކަޒަކަށް ގާތްގަނޑަކަށް 3.5 އާއި 4 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މަސައްކަތް ހަވާލުކޮށްފައިވާ ގޮތަށް ބަލާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ 110 ރަށެއްގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައިވަނީ 19 ރަށެއްގެ މަސައްކަތެވެ. މުރުތަޟާ ވިދާޅުވީ ބައެއް ދަތިތަކާ ހުރެ މަސައްކަތްތައް ލަސްވި ނަމަވެސް، އަމާޒަކީ އަންނަ އަހަރުގެ މެދާ ހަމައަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ.
މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަށް ބަލާއިރު، 28 ރަށެއްގެ މަރުކަޒުތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ އިތުރުން 82 ރަށަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާއިރު، 92 ރަށަކަށް ކުނި އުފުލާ އުޅަނދުތައް ވަނީ ހަވާލުކޮށްފައެވެ. އަދި 6 ރަށެއްގައި ކާދު އުފައްދާ ނިޒާމުތައް ޤާއިމުކޮށް މިހާރު ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައެވެ.
ރާއްޖޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި ވަށާޖެހޭ ނިޒާމުގެ ސަބަބުން، ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރެވި، ކުނި މެނޭޖްކުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ޤަބޫލުކުރެއެވެ.


