logo
MPL

MPL

ޚަބަރު

ސޯލާ ހަކަތައިން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ބޮޑު މަޝްރޫޢެއްގައި ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޮކްޓޯބަރު 2026 - 02:40
ސޯލާ ހަކަތައިން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ބޮޑު މަޝްރޫޢެއް

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ޖުމްލަ 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ހިންގާ މި މަޝްރޫޢުގެ ސަބަބުން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢާ ގުޅޭގޮތުން ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައެވެ. ޕަވަރ ޕަރޗޭސް އެގްރީމަންޓުގައި ސޮއިކުރެއްވީ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީގެ ކަންޓްރީ މެނޭޖަރ ޗާއޮ ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސިނަސޯގެ ފަރާތުން ޗާއޮ ޝޯމިންގް ސޮއިކުރެއްވިއިރު، ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަލީ ޝަރީފެވެ.

 

މިއީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" (ޑީބީއެފްއޯޓީ) އުސޫލުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވާދަވެރި ބީލަމުގެ ތެރެއިން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ވޯލްޑް ބޭންކާއި، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ) ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ވަނީ ޚާއްޞަ ރިސްކް މިޓިގޭޝަން ފްރޭމްވަރކެއް އެކުލަވާލާފައެވެ.

 

މަޝްރޫޢު ބެހިފައިވާ ދެ ލޮޓް

 

މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ މައިގަނޑު ދެ ލޮޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ލޮޓުގައި ލ. އަތޮޅުގެ 6 ރަށަކަށް 2 މެގަވޮޓް ގެ ކެޕޭސިޓީ ބަހާލާފައިވާއިރު، ދެވަނަ ލޮޓުގައި ސަރަޙައްދީ ބޮޑެތި މަރުކަޒުތަކަށް 13 މެގަވޮޓް ވަނީ ކަނޑައަޅާފައެވެ.

 

ލޮޓް 1: ލ. އަތޮޅު ކްލަސްޓަރ (2 މެގަވޮޓް)

ލ. މާމެންދޫ: 0.61 މެގަވޮޓް

ލ. މާވަށް: 0.44 މެގަވޮޓް

ލ. މާބައިދޫ: 0.38 މެގަވޮޓް

ލ. ހިތަދޫ: 0.3 މެގަވޮޓް

ލ. ކުނަހަންދޫ: 0.25 މެގަވޮޓް

ލ. ދަނބިދޫ: 0.2 މެގަވޮޓް

ލޮޓް 2: ސަރަޙައްދީ ބޮޑެތި މަރުކަޒުތައް (13 މެގަވޮޓް)

ލ. ގަން: 4 މެގަވޮޓް

ލ. ފޮނަދޫ: 3 މެގަވޮޓް

ޅ. ނައިފަރު: 2.3 މެގަވޮޓް

ގއ. ވިލިނގިލި: 1.65 މެގަވޮޓް

ށ. ފުނަދޫ: 1.25 މެގަވޮޓް

ލ. އިސްދޫ: 0.7 މެގަވޮޓް

ލ. ކަލައިދޫ: 0.6 މެގަވޮޓް

 

ޤައުމީ ލަނޑުދަނޑިތަކަށް ވާސިލުވުން

 

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢާއެކު އެރައިޒް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ 110 މެގަވޮޓްގެ 30 އިންސައްތައެވެ.

 

މި މަޝްރޫޢުގެ ސަބަބުން އަހަރަކު ރާއްޖެއަށް އެތެރެކުރާ ޑީސަލުން 15 މިލިޔަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދައިން އަހަރަކު 180 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޤައުމީ ލަނޑުދަނޑި ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯލާ ހަކަތައިން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭ ބޮޑު މަޝްރޫޢެއްޚަބަރު | ގަޑިއިރެއް ކުރިންޗައިނާއާއެކު 15 މެގަވޮޓުގެ ސޯލާ މަޝްރޫޢެއްގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންއެރައިޒް މަޝްރޫއަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފިޚަބަރު | 10 ދުވަސް ކުރިންފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އަފީފު ވަކިކޮށްފިޚަބަރު | 13 ދުވަސް ކުރިން