ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ؛ ކަނޑުތައް ގަދަވާނެ: މެޓް
10 ޖުލައި 2026 - 11:43

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation
މި ދުވަސްވަރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
ހުޅަނގު މޫސުމުގެ ހަތްވަނަ ނަކަތް ކަމަށްވާ ފުނޯސް ނަކަތް ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. މިއީ އާންމުގޮތެއްގައި ވަރަށް ގިނަ ކޮޅިގަނޑުތައް ނަގާ، މޫސުން ގޯސް ނަކަތެކެވެ.
މި ނަކަތުގައި ވައި ހުންނާނީ ސީދާ ހުޅަނގުގައެވެ. ވައިބާރުވެފައި ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ބެލެވޭއިރު، ކުއްލިއަކަށް ވައިބާރުވުމަކީ މި ނަކަތުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައިޖެހޭ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 18.52 ކިލޯމީޓަރުގައެވެ.
ވާރޭވެހޭ މިންވަރަށް ބަލާއިރު، މި ނަކަތުގައި އާންމުގޮތެއްގައި 2.41 އިންޗިއަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މުޅި ނަކަތުގައި އަވިދޭ ވަގުތުގެ ދިގުމިން އުޅޭނީ ގާތްގަނޑަކަށް 102.9 ގަޑިއިރެވެ. މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށް މޫސުމީ ރިޕޯޓްތަކުން ދައްކައެވެ.
ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންގަނޑަށްވުރެ މަތިވެ، އެ ސަރަހައްދުގައި މިހާރު ވަނީ އެލްނީނޯ އުފެދިފައެވެ. މިއީ ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އަދި އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނެ ބަދަލެކެވެ.
އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް، ބައެއް ފަހަރު މިކަން އަހަރުތަކަކަށްވެސް ދެމިގެންދެއެވެ. މިއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ 2 އަހަރާއި 7 އަހަރަކުން އެއްފަހަރު އަންނަ ބަދަލެއްކަން ފާހަގަކުރެވެއެވެ.
އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ސަރަހައްދީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.


