މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައްވެސް ހއ. އުތީމުގައި ބޭއްވުމަށް ނިންމައިފި
10 ޖުލައި 2026 - 16:38

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ހއ. އުތީމުގައި ބޭއްވުމަށް ސަރުކާރުން ކަނޑައަޅައި، އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަން މިހާރު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ޖެހިޖެހިގެން ދެ އަހަރު މި ދުވަސް އުތީމުގައި ފާހަގަކުރުމަށެވެ. މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރައީސަކު މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރެވެ. މި ދުވަހަށް ތައްޔާރުވުމުގެ ގޮތުން ހއ. އުތީމު، ބާރަށް އަދި ތަކަންދޫގައި ހުރި އާސާރީ ތަންތަން މަރާމާތުކޮށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢެއް ދަނީ ހިންގަމުންނެވެ. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ އެ ރަށްތަކަށް ވަޑައިގެން، ޤައުމީ ދުވަހުގެ ކުރިން މި މަސައްކަތްތައް ނިންމުމަށް ކުރެވޭ ކަންކަން ބައްލަވާލައްވާފައެވެ.

Ad by Hajj Corporation
އުތީމަކީ ޒަމާނުއްސުރެ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަ ރަށެކެވެ. އެންމެ ފުރަތަމަ އެ ރަށުގައި ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރީ 1951 ވަނަ އަހަރު، މުޙައްމަދު އަމީނުގެ ބޮޑުވަޒީރުކަމުގައެވެ. އޭގެ ފަހުން 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ދައުރުގައިވެސް ވަރަށް ކުލަގަދަކޮށް އުތީމުގައި ޤައުމީ ދުވަސް ފާހަގަކޮށްފައިވެއެވެ.


