ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ދައްކައިދޭ "ވާހަކަ ވައު" ރައީސް ހުޅުއްވައިދެއްވައިފި
15 އޯގަސްޓު 2026 - 12:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލު ބޮޑުތަކުރުފާނުގެ ތާރީހީ ޖިހާދު ސިފަކޮށްދޭ "ވާހަކަ ވައު" ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

Ad by Hajj Corporation
އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގައި އޮންނަ ގުދުރަތީ ވަލުތެރޭގައި ތަރައްގީކޮށްފައިވާ މި ތަނަކީ، ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ގާތުން އިހުސާސްކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ވަރަށް ހާއްސަ ތާރީހީ ބިނާއެކެވެ. މި ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުރެ އެވެ. އެގޮތުން 1558 ގައި ޕޯޗުގީޒުން މާލެ އިސްތިއުމާރުކުރި ހިސާބުން ފެށިގެން، ބާރަށުގައި ކަޅުއޮއްފުންމި ބެންނެވުމާއި، 1573 ގައި ލިބުނު ފަހުރުވެރި ނަސްރާ ހަމައަށް ހިނގާދިޔަ މުހިންމު ކަންކަން ކިޔައިދޭ ޖުމްލަ 14 ބޯޑު މި މަގުގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވެ އެވެ. މިއީ ފަންނުވެރިކަމާއި، ގުދުރަތީ ރީތިކަމާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލަން ލިބޭ ވަރަށް ފުރިހަމަ ފުރުސަތެކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ގައުމިއްޔަތަށް ދެއްވާ ހާއްސަ އަހަންމިއްޔަތާއެކު، ގާޒޯ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި އަދި ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ ވުޒާރާއިން ބުނީ ސަރުކާރުން މިފަދަ މަޝްރޫއުތަކަށް އިސްނެގުމުގެ އެންމެ މުހިންމު މަގުސަދަކީ އާސާރީ ބިނާތައް ރައްކާތެރިކުރުމާއި، ތާރީހީ ވާހަކަތައް ހާއްސަކޮށް ޒުވާން ޖީލުތަކަށް ގެނެސްދީ އެކަމަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
އެ ވިޒާރާއިން ބުނީ މިފަދަ ތަންތަނުގެ ސަބަބުން އުތީމަށް އަންނަ ފަތުރުވެރިން ރަށުގައި މަޑުކުރާ ވަގުތު އިތުރުވެ، ރަށުގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި ހިދުމަތްދޭ އެހެނިހެން ތަންތަނަށް އޮންނަ ޑިމާންޑް ބޮޑުތަނުން މައްޗަށްދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ރަށުގެ ގައިޑުންނާއި، ތާރީހީ ވާހަކަ ކިޔައިދޭ ފަރާތްތަކާއި، ދަތުރުފަތުރުގެ ޚިދުމަތދޭ ފަރާތްތަކުގެ އިތުރުން ސަގާފީ މަސައްކަތްތެރިންނަށް އާމްދަނީ ލިބޭނެ އިތުރު މަގުތައް ތަނަވަސްވެ، އުތީމަކީ ސަގާފީ ފަތުރުވެރިކަމުގެ މުހިންމު މަރުކަޒަކަށްވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

-01.jpg&w=3840&q=75)
