ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ރައީސް ތަޢުޒިޔާއާއި ހަމްދަރުދީ
12 ޖުލައި 2026 - 16:46

ބަންގްލަދޭޝްއަށް މިހާރު ކުރިމަތިވަމުންދާ މޫސުމީ ބާރުގަދަ ވިއްސާރައާއި، ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި އެގައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފިއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންއަށާއި، އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން ފުން ހިތާމައެއް އަދާކުރައްވާ ކަމަށެވެ. އަދި މި ހާދިސާތަކުގައި ފުރާނަ ގެއްލުނު އާއިލާތަކަށާއި، ދިރިއުޅުމުގެ ވަސީލަތްތަކާއި ގެދޮރު ގެއްލި ހާލުގައި ޖެހުނު ފަރާތްތަކާއެކު ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
"މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ސާބިތުކަމާއެކު ބަންގްލަދޭޝްއާ އެކުގައެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މި ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ރައްކާތެރިކަމާއި، ހިތްވަރާއި، އަދި އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.


