ތައިލޭންޑުން ދިވެހިންނަށް ވިސާގެ ލުއިތަކެއް، މިހާރު ވިސާއާ ނުލާ 30 ދުވަހު ތިބެވޭނެ
15 ޖުލައި 2026 - 12:28

ދިވެހިންނަށް ވިސާގެ ލުއިތަކެއް ދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފި އެވެ.
ތައިލޭންޑް ސަރުކާރުން އަލަށް އެކުލަވާލި އުސޫލްގެ ދަށުން ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވެވޭނީ 59 ގައުމަކަށެވެ. މި އާބަދަލާ އެކު ރައްޖޭއާ ނުލާ ފަސް ގައުމަކަށް މި ލުއި ލިބެ އެވެ. އެއީ ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާގެ އިތުރުން މޯލްޓާއެވެ. ވިސާގެ އުސޫލަށް އަލަށް ގެނައި މި ބަދަލުތަކަށް ޢަމަލުކުރަންފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.

Ad by Hajj Corporation
މީގެ ކުރިން ރާއްޖޭ ރައްޔިތުންނަށް ވެސް 60 ދުވަސް ވީސާއާ ނުލާ ތައިލެންޑްގައި ތިބެވެ. ނަމަވެސް 2024 ވަނަ އަހަރު އެގައުމުން ވިސާގެ އުސޫލްތަކަށް ގެނައި ބަދަލުން 93 ގައުމަކަށް ދީފައިވާ 60 ދުވަހުގެ ވިސާ ފްރީ މުއްދަތު އެގައުމުގެ ވަޒީރުންގެ މަޖިލީހުން އުވާލި އެވެ. އެ ބަދަލާ އެކު ވިސާއާ ނުލާ ރާއްޖޭ ރައްޔިތުންނަށް އެގައުމުގައި ތިބެވެނީ އޭރު 15 ދުވަހު އެވެ. އެގޮތަށް އޭރު ނިންމާފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް މި ނިޒާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީ އާއި ވިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ސްކޭމްތައް ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަމުން ގޮސްފައިވާތީ ކަމަށް ތައިލެންޑް ސަރުކާރުން ބުނެ އެވެ.


