ޖަލުތަކުގެ ސަލާމާތާއި ރައްކާތެރިކަން ވަރުގަދަކުރަން އޮޕަރޭޝަންތަކެއް ހިންގައިފި
18 ޖުލައި 2026 - 12:18

ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން އޮޕަރޭޝަންތަކެއް ހިންގައިފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ. ސްޕެޝަލިސްޓް އޮޕަރޭޝަންސް ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ.

Ad by Hajj Corporation
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މި އޮޕަރޭޝަންއަކީ ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު އެއް އޮޕަރޭޝަން ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ޚިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާކަން ކޮމާންޑަރު ފާހަގަކުރެއްވި އެވެ.
ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން އެސް.އޯގެ ސްވަޓް ޓީމާއި ކޭނައިންޔުނިޓާއި ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ އިތުރުން ގޭންގް ކްރައިމް އެންފޯސްމަންޓް، މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް މި އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވިއެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް މި އޮޕަރޭޝަންގައި އަދާކޮށްފައިވެއެވެ.


