މިދިޔަ ހަފުތާތެރޭ އަލިފާނުގެ 12 ހާދިސާ ހިނގާފައިވޭ: އެމްއެންޑީއެފް
19 ޖުލައި 2026 - 07:03
މިދިޔަ ހަފުތާ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކުއްލި ނުރައްކަލުގެ 23 ހާދިސަ އަކަށް އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެތެރެއިން އެންމެ ގިނައިން ހަރަކާތްތެރިވެފައި ވަނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، އެފްއާރްއެސްއިންނެވެ.

Ad by Hajj Corporation
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހުއްޓުމެއްނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުން ކަމަށެވެ.
މިދިޔަ ހަފުތާގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވާ ކުއްލި މައްސަލަތަކަށް ބަލާއިރު، ނުރައްކާތެރި މާއްދާއެއް އެކުލެވޭ ހެޒްމަތު ހާދިސާ އަކާއި ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއޭޝަންގެ ހަތަރު ހާދިސާއަކާއި، ރެސްކިއު އޮޕަރޭޝަންތައް ހިމެނެ އެވެ.
އެމްއެންޑީއެފް އިން ބުނީ ވެއަތުވި ހަފުތާ އެންމެ ގިނައިން ހަރަކާތްތެރުވެފައި ވަނީ މާލޭ ސަރަހައްދުގެ ހާދިސާތަކުގައި ކަމަށެވެ. އެގޮތުން މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާގައި ހަރަކާތްތެރިވެފައިވެ އެވެ. އަދި ސެންޓްރަލް އޭރިއާ ކޮމާންޑާއި، ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދެއްގައި ހިނގި ތިން ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ނޯދަން އޭރިއާ ކޮމާންޑުން ވެސް ހާދިސާއެއްގައި ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.


