މާލީ ބަޔާން ހުށަނާޅައިން އެމްޑީޕީ، ޕީއެންއެފް އަދި އަދާލަތު ޕާޓީ ޖޫރިމަނާ ކޮށްފި
22 ޖުލައި 2026 - 10:22

ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީ ޖޫރި މަނާ ކޮށްފި އެވެ.
އިލެކްޝަން ކަމިޝަނުން ބުނީ އެމްއެންޕީ އާއި އަދާލަތުން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައިނުވާ ކަމަށާއި އެމްޑީޕީގެ މާލީ ބަޔާން ހުށަހަޅާފައިވަނީ މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ކަމަށެވެ.

Ad by Hajj Corporation
ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅަންޖެނީ މިދިޔަ މޭއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަން އިން ވަނީ މި ތިން ޕާޓީ ވެސް 50،000ރ ޖޫރިމަނާ ކޮށްފަ އެވެ.
އޮޑިޓް ރިޕޯޓާއި މާލީ ބަޔާން މުއްދަތަށް ހުށަހަޅާފައި ވަނީ ޕީއެންސީ ޖޭޕީ އާއި އެމްޑީއޭއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ޕީއެންސީ އާއި އެމްޑީޕީ އެވެ.
ވެރިކަން ކުރާ ޕީއެންސީއަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.1 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 13.3 މިލިއަން ރުފިޔާއަކީ އިލެކްޝަން ކޮމިޝަނުންދިން ފައިސާ އެވެ. އަދި ބާކީ 842،000ރ. އަކީ އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާ ކަމަށް އެ ޕާޓީގެ މާލީ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީއަށް 2025ގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 9.5 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 8.4 މިލިއަނަކީ އިލެކްޝަން ކޮމިޝަނުންދިން ފައިސާ އެވެ. އެ ޕާޓީއަށް އެކި މީހުން އެހީގެ ގޮތުގައި އެއް މިލިޔަން ރުފިޔާދީފައިވެ އެވެ. އަދި ބައެއް ކުންފުނިތަކުން އެހީގެ ގޮތުގައި 57،095 ރުފިޔާ ލިބިފައިވެ އެވެ.


