ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާތީ، ދަތުރު ކުރުމުގައި ސަމާލުވުމަށް އެދިއްޖެ
31 ޖުލައި 2026 - 11:22

މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ 11:30 އިން 15:30 އާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި މުއްދަތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation
އެހެންކަމުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.


