ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ނައްތާލަން ހުއްދަ ދީފައިވާ އުޅަނދުތަކެއް: ފުލުހުން
22 ސެޕްޓެމްބަރު 2026 - 03:19

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލުތަކެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން މައުލޫމާތު ސާފުކޮށްދީފިއެވެ.
ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ ޓޯކުރުމަށްފަހު، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވިއިރުވެސް އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި މި އުޅަނދުތައް ނައްތާލުމުގެ ހުއްދަ ދީފައިވަނީ ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން ފުލުހުން ހާމަކުރި ގޮތުގައި، ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމުގެ މަސައްކަތުގެ ތެރެއިން ހިނގި ކަމެކެވެ. އެގޮތުން ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް އެ ތަކެތި ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


