ސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރުފައިސާ ބޭރުކުރަން އުޅުނު ބިދޭސީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު
20 ސެޕްޓެމްބަރު 2026 - 13:09

ސީރިއަލް ޕެކެޓެއްގައި ފޮރުވައިގެން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ގެންދަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 6 ބިދޭސީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން ވިދާޅުވީ، މި ހިނގާ މަހުގެ 18 ވަނަ ދުވަހު މި 6 މީހުން އަތުލައިގަތީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި އެ ފަރާތްތަކުން ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން މަސައްކަތް ކޮށްފައިވަނީ ސީރިއަލް ޕެކެޓެއްގައި ބަންދުކޮށް ފޮރުވައިގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެއާޕޯޓުން ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ) ރުފިޔާއަށް އަރައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 6 ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މުޙައްމަދު މައިނުއްދީން ސަލާހު (35އ)، ރަޖިބް (31އ)، މުޙައްމަދު ޢަބްދުﷲ (38އ)، އަޖްގަރު މިރިދާ (37އ)، އެމްޑީ މޮހިއްދީން ޗޯދުރީ (28އ) އަދި އެމްޑީ ޝާހިން މިއާ (46އ) އެވެ.
މި އެންމެންގެ މައްޗަށްވެސް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ. މި 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ މި އެންމެންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.


