ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ: ސީޕީ
20 ސެޕްޓެމްބަރު 2026 - 12:57

ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ޤައުމީ ޚިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވި ގޮތުގައި، ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ޒިކުރާ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދެމިއޮންނާނެއެވެ. އަދި ދުވަސްތައް ފާއިތުވެ ދިޔަކަމުގައި ވިޔަސް، ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި ފަހުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި، އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަކީ މުއައްސަސާއިން ހާއްސަ ސަމާލުކަމެއްދޭ ކަމެއްކަންވެސް ސީޕީ ވިދާޅުވިއެވެ.
ސާޖަންޓް އާދަމް ޙަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 7 އަހަރާއި 5 މަހާއި 27 ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި އާދަމް ޙަލީމް ވަނީ ޚިދުމަތް ކުރައްވާފައެވެ. ކާށިދޫގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރާ ޚިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ދިން ހަމަލާއެއްގައި އާދަމް ޙަލީމް ޝަހީދުވެފައިވަނީ 2012 ޖުލައި 23 ގައެވެ. އާދަމް ޙަލީމަކީ ގާނޫނު ތަންފީޒުކުރުމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ދިން އަނިޔާވެރި ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީހުގައި ޝަހީދުވި ފުރަތަމަ ފުލުހެވެ.
އެ ހާދިސާއާ ގުޅިގެން އެމަނިކުފާނުގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލް އިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ. މީގެއިތުރުން، އާދަމް ޙަލީމް ޝަހީދުވި ދުވަހާ ގުޅުވައިގެން 2013 ޖުލައި 23 އިން ފެށިގެން ކޮންމެ އަހަރަކުވެސް "ޕޮލިސް މެމޯރިއަލް ޑޭ" ރަސްމީކޮށް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ނަންފުޅު ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ގައުމީ ހިދުމަތުގައި އާދަމް ޙަލީމް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހަނދާންތައް އައުކުރުމުގެ އިތުރުން، ވާޖިބު އަދާކުރުމުގައި ފުރާނައިން ގުރުބާންވި އޮފިސަރުންގެ އާއިލާތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ބަހައްޓާ ގާތްކަމާއި އިހުތިރާމް ދައްކުވައިދިން ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.


