18 ގައުމެއްގެ ފައިސާއާއެކު ފުރަން ގޮސް ތިއްބައި ބަންގްލަދޭޝްގެ 6 މީހަކު އަތުލައިގަނެފި
19 ސެޕްޓެމްބަރު 2026 - 06:09

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓައިފިއެވެ.
ފުލުހުން ވިދާޅުވީ، ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މި މީހުން ހުއްޓުވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ.

Ad by Hajj Corporation
މި އޮޕަރޭޝަނުގައި ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ 6 މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


