އަހަރުގެ މިހާތަނަށް ބީއެމްއެލް އިން 478 މިލިޔަން ޑޮލަރު ވިއްކައިފި
1 އޯގަސްޓު 2026 - 13:10

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 478 މިލިޔަން ޑޮލަރަށް ވުރެ ގިނައިން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފޯރުކޮށްދީފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 166 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރޭގައިރާއްޖެއިން ބޭރަށް ފޮނުވި 311،722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރު ވުމެކެވެ.

Ad by Hajj Corporation
ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފަ އެވެ. މިއީ ބޭންކަށް ޑޮލަރުގަންނަން ލިބުމުގައި ހުރި ދަތިތަކާއެކު ވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ބުނެ އެވެ. މަހުން މަހަމަށް ބަލާއިރު މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ މިދިޔަ އަހަރު މަހުން މަހަށް ޖެހުނު އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރުގެ މަހުން މަހަށް ޖެހުން އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން 2021 ވަނަ އަހަރަށް އަޅާބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
ގައުމީ ބޭންކުން ބުނީ މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ މިންވަރު ކަމަށެވެ.


