ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ކަނޑާއި ވައިގެމަގުން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފި
2 އޯގަސްޓު 2026 - 10:28

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ލޭންޑިން ކްރާފްޓު ބަންޑުންޖަހާލައި ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އެގޮތުން ކަނޑާއި ވައިގެމަގުން މިއަދު ވެސް ވަނީ ބޮޑު ސަރަހައްދެއް ބަލާފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ވަނީ ލޭންޑިން ކްރާފްޓް އަޑިޔަށްދިޔަ ސަރަހައްދު ވެސް ޑައިވްކޮށްގެން ބަލާފަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެުފުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މި ދުވަސްވަރަކީ ރާއްޖޭއަށް ހުޅަނގު މޫސުން ކަމުން ރާއްޖެ ސަރަހަދަށް ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.


