ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަށް ހުރަސްެ ނޭޅުމަށް އެންއައިސީން އެދިއްޖެ
5 އޯގަސްޓު 2026 - 14:05

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށާއި، އެ އިދާރާތަކުގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތައް ނުފެތުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އިލްތިމާސްކޮށްފިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިއްމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ވާހަކަ ދެކެވެމުން ދިއުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމަށް ބުނެފައެވެ.

Ad by Hajj Corporation
އެންއައިސީން ފާހަގަކުރި ގޮތުގައި، ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތަކީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ ނުހަނު އަގުހުރި މަސައްކަތްތަކެކެވެ. އެހެންކަމުން، އެއްވެސް ގޮތަކުން އެ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ކަންކަން ނުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި އެ އިދާރާތަކަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ އެ އިދާރާއެއްގެ މުވައްޒަފަކު ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނަމަ، އެ މައްސަލައެއް ބަލައިދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްމެ އޮތްކަން އެންއައިސީން ހަނދާންކޮށްދިނެވެ. އެގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ތަހުގީގުކުރުމަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނާ މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތެއް ކަން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންވެސް އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިއްމާތައް އަދާކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ދެމިތިބުމަށް އެންއައިސީން ވަނީ ހަނދާންކޮށްދީފައެވެ.


