ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ އިތުރު ވަނީ، ކޮންމެ ފަސް މީހަކުން އެކަކު ބިދޭސީއަކަށް ވެދާނެ
16 އޯގަސްޓު 2026 - 13:49

ދިވެހިރާއްޖޭގެ އާބާދީގެ 2022 ވަނަ އަހަރުން 2062 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް ކުރިއަށް އޮތް އަހަރުތަކުގައި އަންނަން އުޅޭ ބަދަލުތަކަކީ މުޅި ގައުމުގެ މަސްލަހަތަށްޓަކައި ވަރަށް ފުންކޮށް ވިސްނައި، ހޭލުންތެރިވާންޖެހިފައިވާ މުހިންމު ކަމެކެވެ.
ރާއްޖޭގެ އާބާދީ އަށް ބަލާއިރު، 2022 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އާބާދީގައި ބިދޭސީންގެ ނިސްބަތް ހުރީ 30 އިންސައްތައިގައެވެ. ނަމަވެސް، މި ދިރާސާއިން ދައްކާ ގޮތުން 2062 ވަނަ އަހަރު އަންނައިރު މި ނިސްބަތް 39 އިންސައްތައަށް މައްޗަށް ދާނެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަސް މީހަކުން ދެ މީހަކީ ބިދޭސީއަކަށްވާނެ ހާލަތެކެވެ. އަދި އެ އަހަރު، ރާއްޖޭގެ ޖުމްލަ އާބާދީ 678,024 އަށް އަރާނެކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 263,345 މީހުންނަކީ ބިދޭސީން ކަމުގައިވާނެ އެވެ. އަދި ދިވެހި އާބާދީގެ ގޮތުގައި އެ އަހަރު ހިމެނޭނީ 414,679 މީހުންނެވެ.

Ad by Hajj Corporation

މިފަދަ ބޮޑު ބަދަލެއް އަންނަމުންދާއިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާއި، އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ އަޅައިލުމާއި، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތަކަށް ކުރާ ހޭދައަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ލަފާކުރެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވާ އެއްމައްސަލަ އެވެ. އެހެންކަމުން މިކަމަކީ ގައުމީ ސަލާމަތާއި އިޖުތިމާއީ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ގައުމީ ޒިންމާއެއް ކަމުގައި ދެކެންޖެހެ އެވެ.
މަސައްކަތު އުމުރުފުރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް ބިދޭސީންގެ އާބާދީ ދިވެހިންނަށްވުރެ ގިނަކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް 25 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީންގެ އަދަދު 17،000 މީހުން ވަނީ އިތުރުވެފަ އެވެ. މި ފަރަގު ކުރިއަށް އޮތް 40 އަހަރުގެ ތެރޭގައި އިތުރަށް ބޮޑުވެ، 2062 ވަނަ އަހަރާ ހަމައަށް އަންނައިރު، މަސައްކަތު އުމުރުފުރާގައި ދިވެހި ފިރިހެނުންނަށްވުރެ 40،000 ބިދޭސީން އިތުރުވާނެކަމަށް ދިރާސާތަކުން ދައްކައެވެ.
ބިދޭސީ މަސައްކަތްތެރިންނަށް މިހާ ބޮޑަށް ބަރޯސާވެފައި އޮތުމަކީ ރާއްޖޭގެ ފަތުވެރިކަމާއި ކޮންސްޓްރަކްޝަން އަދި މަސްވެރިކަމުގެ ސިނާއަތްތައް ހިންގުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބެލެވުނު ނަމަވެސް، ދިވެހި ޒުވާނުން މަސައްކަތު މައިދާނަށް ނުކުތުމަށް ހުރި ހުރަސްތަކާއި، ވަޒީފާތަކުގެ ފެންވަރާއި މުސާރައިގެ އޮނިގަނޑު ހުރިގޮތުން މި މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީންނަށް ބަރޯސާވެފައިވާ މިންވަރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެހެންކަމުން، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ މާހައުލުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މިހާރުން ފެށިގެން ދުރުރާސްތާގެ ޕްލޭންތަކެއް ހަދަންޖެހެއެވެ. މީގެ އިތުރުން، ބިދޭސީން ވަޒީފާ އަދާކުރާ ދާއިރާތަކަށް ބަލައިން ތައުލީމީ ނިޒާމުގެ ތެރެއިން ޓެކްނޮލޮޖީއާއި، ހުނަރާއި، ވިޔަފާރީގެ އުކުޅުތައް ދަންނަ ގާބިލު ދިވެހި މަސައްކަތްތެރި ޖީލެއް ބިނާކުރެވޭފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހެ އެވެ.

-01.jpg&w=3840&q=75)
