މެޗުގެ ބޮޑުބައި 10 މީހުންނާއެކު ކުޅެ ވަރުގަދަ ޕީއެސްޖީ ބަލިކޮށް ލެންސް އިން ފްރެންޗް ސުޕަކަޕް ކާމިޔާބުކޮށްފި
17 އޯގަސްޓު 2026 - 04:29

ފްލޯރިއަން ތޯވިން ކާމިޔާބުކުރި ލަނޑާއެކު، 10 ކުޅުންތެރިންނާއެކު މެޗުގެ ބޮޑުބައި ކުޅުނު ލެންސުން 1-0 އިން ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) ބަލިކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ނުވަތަ ޓްރޮފީ ޑެ ޗެމްޕިއަންސް ކާމިޔާބުކޮށްފިއެވެ. މި ނަތީޖާއާއެކު ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މި ތަށި އުފުލައިލުމަށް ޕީއެސްޖީން ކުރަމުންދިޔަ އުއްމީދުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.
މެޗުގެ 32 ވަނަ މިނެޓުގައި މެތިއު އުޑޯލް ފޮނުވާލި ހަމަލާއަކުން ލިބުނު ފުރުސަތުގެ ބޭނުންހިފައި ތޯވިން ވަނީ ލެންސަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ލެންސްގެ ކައިލިއަން އެންޓޯނިއޯ، މެގްނެސް އަކްލިއޫޝްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕީއެސްޖީގެ ޑެސިރޭ ޑުއޭ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް ވަނީ އަރާފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި އެއް ކުޅުންތެރިއަކު އިތުރަށް ކުޅެމުންދިޔަ ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި ފަބިއަން ރުއިޒް ލަނޑެއް ޖެހި ނަމަވެސް، އޭގެ ކުރިން އޮފްސައިޑް ވެފައިވާތީ ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. މީގެއިތުރުން، މެޗުގެ 87 ވަނަ މިނެޓުގައި ޕީއެސްޖީގެ ނޫނޯ މެންޑޭސް ލެންސްގެ މިހަލް ސްކޯރާސްއަށް އުޅަނބޮށިން ހަމަލާދިނުމާ ގުޅިގެން އޭނާއަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.
މި މެޗުގައި ޕީއެސްޖީން 22 ހަމަލާ އުފައްދައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، ލެންސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ކޯޗު ޑީނޯ ޓޮޕްމޮލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެންސުން މި މުބާރާތް ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1998 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި އެ ޓީމު ވަނީ ޕީއެސްޖީ އަތުން 1-0 އިން ބަލިވެފައެވެ.

-01.jpg&w=3840&q=75)
