ފްރެންޗް ކަޕް ކާމިޔާބުކޮށް ޕީއެސްޖީ ޓްރެބްލް އާއި ދިމާލަށް
25 މޭ 2025 - 04:04

ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) އިން ފްރެންޗް ކަޕް ކާމިޔާބުކޮށްފިއެވެ. ސްޓޭޑް ޑި ފްރާންސްގައި ކުޅުނު މެޗުގައި ރެއިމްސް އާ ދެކޮޅަށް ކުޅެ، ފުރަތަމަ ހާފުގައި ޖެހި 3 ލަނޑުން މެޗު ކާމިޔާބުކޮށް، މިމުބާރާތް ރެކޯޑު 16 ވަނަ ފަހަރު ޕީއެސްޖީއިން ވަނީ ފްރެންޗް ކަޕް ހޯދައިފިއެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ލީގު 1 އާއި ފްރެންޗް ސުޕަރ ކަޕް ކާމިޔާބުކޮށްފައިވާއިރު، ރޭގެ މެޗުގައި ބްރެޑްލީ ބާކޯލާ ވަނީ 2 ލަނޑު ޖަހައިދީފައެވެ. އޭނާގެ 2 ލަނޑުވެސް އެސިސްޓް ކޮށްދިނީ ޑިޒައިރޭ ޑޫއެ އެވެ. މެޗުގެ ތިންވަނަ ލަނޑު ޖެހީ އަޝްރަފް ހަކީމީ އެވެ.

Ad by Hajj Corporation
މެޗު ފެށުނީއްސުރެ ޕީއެސްޖީން ވަނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. ރެއިމްސްގެ އަމާދޫ ކޯނޭ ދުރުން ޖެހި ވަރުގަދަ ޝޮޓެއް ފިޔަވައި އެ ޓީމަށް މާބޮޑު ފުރުސަތެއް ނުލިބުނެވެ. ޕީއެސްޖީގެ ގޯލުގައި މި މެޗުގައި ހުރީ ރަޝިއާގެ މެޓްވޭ ސަފޮނޯވްއެވެ.
މި ކާމިޔާބީއާއެކު ޕީއެސްޖީ އަށް މިހާރު ވަނީ މި ސީޒަންގެ ޓްރެބްލް ހޯދުމުގެ ފުރުސަތު ހުޅުވިފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު މިއުނިކްގައި އިންޓަރ މިލާން އާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ކާމިޔާބު ހޯދައިފިނަމަ، އެ ޓީމުގެ ތާރީހުގައި އެންމެ ކާމިޔާބު ސީޒަން ފާހަގަކުރެވޭނެއެވެ.

-01.jpg&w=3840&q=75)
