ވޯޓުލުމުގެ ހައްގަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާކުރަން ލިބޭ އަމާނާތެއް: ޝަކީލު
25 އޯގަސްޓު 2026 - 06:05

ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބޭ ވޯޓުލުމުގެ ހައްގަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާކުރަން ލިބޭ ބޮޑު އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ވޯޓުލާ މީހުންގެ ހައްގުތަކާއި އިންތިހާބީ ނިޒާމަށް މިހާރަށް ވުރެ ބޮޑަށް އިތުބާރު އުފެއްދުން ކަމަށެވެ.

Ad by Hajj Corporation
ވޯޓު ދިނުމުގައި ވަގުތީ ފައިދާއަށް ބެލުމުގެ ބަދަލުގައި، ދީނާއި ގައުމަށް ތެދުވެރި، ގާބިލު މީހަކު އިހުތިޔާރު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް އީސީން ފާހަގަކޮށްފައިވެ އެވެ. މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހުގެ ޝިއާރަކީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް!" އެވެ. ރާއްޖޭގައި ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހަކީ ވޯޓުލާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.
މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި ކޮމިޝަނުގެ މެންބަރުންގެ ހާއްސަ ބަސްދީގަތުންތަކާއި، ވޯޓުލުމުގެ މުހިންމު ކަމާ ގުޅޭ ހާއްސަ ޕޮޑުކާސްޓެއް ގެނައުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން ސޯޝަލް މީޑީއާ މެދުވެރިކޮށް ދުވަހާ ގުޅޭ މުހިންމު މައުލޫމާތާއި، ތަފާސްހިސާބުތަކާއި ވީޑިއޯ ކްލިޕްތައް ވެސް އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

-01.jpg&w=3840&q=75)
