ޕީއެންއެފްއިން އިލެކްޝަންސް ކޮމިޝަނާމެދު ކުރާ ތުހުމަތުތަށް ދޮގުކޮށްފި
18 ސެޕްޓެމްބަރު 2026 - 10:44

ހަޤީޤަތް އޮޅޭގޮތަށް، ޢާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަކަމަށެވެ.

Ad by Hajj Corporation
އެގޮތުން މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެ ކޮމިޝަނުން އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކުރެވި، އެއިރެއްގެ ޙާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާޙީ ބަދަލުތައް ގެނެސްފައި ވާނެކަމަށާއި، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެއިތުރުން މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދެވިފާ ކަމަށާއި،އެހެންކަމުން، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް ކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އަދި މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިޚްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއްކަމަށާއި،މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އެ ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.


