ބޭނުންވަނީ ރާއްޖޭގެ އިންޖިނޭރިންގ ދާއިރާގައި ހަމައެކަނި ދިވެހިން މަސައްކަތްކުން: ރައީސް
30 އޯގަސްޓު 2026 - 10:23

ދިވެހިރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް، ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އިންޖިނޭރިންގދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މި ރޮނގުން މަތީ ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމަކީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ، މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައާއި ޢަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން ޢަމަލީ ތަޖުރިބާ (ހޭންޑްސް-އޮން އެކްސްޕީރިއެންސް) ހޯދުމަށް ހުރަސްތަކެއް ހުރިކަން ދަރިވަރުން ފާހަގަކުރިއެވެ. އަދި އާކިޓެކްޗަރ ދަރިވަރުންނަށް ޚާއްޞަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ. މީގެއިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުޞަތުތައް ލިބެމުންދާތީ، ސަނަދުލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރިއެވެ.
ދަރިވަރުންގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށާއި، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގދާއިރާއަށް އިސްކަންދެން. ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތަޢުލީމީ ފުރުޞަތުތަކާއި ވަސީލަތްތައް ހަމަޖައްސައި، ދާއިރާގެ ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ފާއިތުވެ ދިޔަ 2025ވަނަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

-01.jpg&w=3840&q=75)
