އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27 ބިލިއަން ރުފިޔާ ލިބުނު
30 އޯގަސްޓު 2026 - 13:10

20 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީއެވެ.

Ad by Hajj Corporation
ޓީ.ޖީ.އެސް.ޓީ އަކީ ދައުލަތުގެ އާމްދަނީގެ މައިގަނޑު އެއް ބައިގެ ގޮތުގައި ދެމިއޮތްއިރު، 20 އޯގަސްޓް 2026 ގެ ނިޔަލަށް މި ދާއިރާއިން 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއަށްވުރެ 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.
ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ ކުރިއަރާފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީ.އެސް.ޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ވަނީ 13.4 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު 455.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 27.0 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވަނީ 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ކެޕިޓަލް ޚަރަދުގެ ދަށުން، އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ހޭދަކުރި 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ޚަރަދު އިތުރުވުމުގައި އިންފްރާސްޓްރަކްޗަރގެ އެކި ދާއިރާތަކަށް ކުރި ހޭދަ ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ

-01.jpg&w=3840&q=75)
