އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކޮށްފި
6 ސެޕްޓެމްބަރު 2026 - 13:10

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ.
އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

Ad by Hajj Corporation
އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް، އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ އިސް މަޤާމުތަކެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮޕް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ.


