މަސައްކަތް ނުކުރެވޭ ވަރުވުމުން އެންމެ ފަހުން އައިކޮމް އަށް އިމާރާތެއް ހޯދަނީ
20 މޭ 2025 - 11:34

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން އެ އިދާރާއިން މިއަދު އިއުލާން ކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާ އިމާރާތުގެ ހާލަތު ދަށްވެ، އެ އޮފީހުގެ މަސައްކަތްތައް އޮންލައިން ކުރުމަށް ނިންމާފައިވަނީ އިއްޔެއެވެ. އޮފީސް ހިންގާ އިމާރާތުގެ ހާލަތު މިވަގުތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މި ވަގުތު ނެތެވެ.

Ad by Hajj Corporation
އެ އޮފީހުން ކުރި އިއުލާނުގައި އެކަމަށް ޝައުގުވެރިވާ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބީލަން ހުޅުވުން އޮންނާނީ މެއި 27 ވަނަ ދުވަހު ހެނދުނު 10:30 ގައި މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގާ އިމާރާތުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ވަނީ ކޮށްފައެވެ. ނަމަވެސް، ލިބުނު ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހުނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގައެވެ.
ބީލަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ އަންނަ ބުރާސްފތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން info@ico.mv އަށް މެއިލް ކުރުމަށް އެ އޮފީހުން އެދެއެވެ.


