އިމްޕޯޓް، އެކްސްޕޯޓް ފުޅާކުރުމަށް 1.5 ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއް
7 ސެޕްޓެމްބަރު 2026 - 04:59

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރުން އަދި ބޭރުކުރުމުގެ ވިޔަފާރި ފުޅާކުރުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަރުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން، ސަރުކާރަށާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކުގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިން ފެސިލީޓީތައް ހަމަޖެހިގެންދާނެއެވެ. މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ހަސަން ޒަރީރު، އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާއެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ހަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސް.ޓީ.އޯއަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލީޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވެއެވެ. އަދި އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މި ފްރޭމްވޯކްގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ މެދުނުކެނޑި އިމްޕޯޓްކުރުމަށް މަގުފަހިވެ، ދައުލަތުގެ ވިޔަފާރި މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެއެވެ. މީގެ ކުރިން 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު 1.5 ބިލިއަން ޑޮލަރަށްވުރެ އިތުރަށް، 1.7 ބިލިއަން ޑޮލަރު ބޭނުންކޮށްފައިވާއިރު، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.


