ފިކުރަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: ޒަރީރު
18 އޯގަސްޓު 2026 - 06:01

ސިޔާސީ ފިކުރަށް ބަލައި ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި، ނަމަވެސް އިގްތިސޯދު ހަރުދަނާކުރުމަށް ކުންފުނިތައް ރައިޓް ސައިޒް ކުރަންޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ އެއްވެސް އެންގުމެއް މިނިސްޓްރީން ކުންފުނިތަކަށް އަންގާފައި ނުވާނެ ކަމަށެވެ.

Ad by Hajj Corporation
ޕީސީބީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ 2018 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި 18,053 މުވައްޒަފުން އިތުރުވެ، 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 36,729 އަށް (%100 އަށްވުރެ ބޮޑަށް) އިތުރުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ކުންފުނިތަކަށް ނަގާފައިވަނީ 4,938 މުވައްޒަފުން ކަމަށާއި، މިހާރު ކުންފުނިތަކުގެ ޖުމްލަ މުވައްޒަފުންގެ އަދަދަކީ 41,667 ކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އާބާދީގެ 53 އިންސައްތަ މީހުން މަސައްކަތްކުރަނީ ޕަބްލިކް ސެކްޓަރުގައި ކަމަށާއި، ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު މިއީ ނިސްބަތުން ބޮޑު އަދަދެއްކަމުން، ގައުމުގެ އިގްތިސޯދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރުގެ ހިންގުން ހަރުދަނާކޮށް އިގްތިސޯ މެނޭޖްކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
