ދަތިތަކާ އެކުވެސް 1200 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް، ފައިސާ ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން
18 އޮކްޓޯބަރު 2026 - 18:53

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1,200 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާއި، އެ މަޝްރޫޢުތަކަށް ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "އަހާ" ފޯރަމްގައި ނ. ވެލިދޫ ރައްޔިތަކު އެ ރަށުގައި ފަށާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރި ސަބަބާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގައި ހިނގާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް، އެ މަޝްރޫޢުތަކާ ގުޅޭ ވުޒާރާތަކުގެ ވަޒީރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ދަތިތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ ދަތިތަކާ އެކުވެސް އިސްކަންދީފައިވާ މަޝްރޫޢުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ޖުމްލަ 1,273 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ފުރިހަމަވެފައިވާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"ހުރިހާ ރަށެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއްވެސް އަޅުގަނޑުމެން ޕްރިއޮރިޓައިޒް ކޮށްފައިވާ ގޮތަށް ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ،" ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ 2028 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް، ކުނިކޮށިތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމައި ޚިދުމަތް ދޭން ފެށުމެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، އޭޓީއެމްގެ ޚިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމާއި، ފުލުހުންގެ މަރުކަޒުތަކާއި ލެބޯޓަރީތައް ހިމެނޭހެން ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، އިންކްލޫސިވް އެޑިއުކޭޝަން ހިމެނޭހެން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުން ވެސް ހިމެނެއެވެ.
ހަމައެއާއެކު ދީނީ ދާއިރާއާއި ކުޅިވަރު އަދި ދަތުރުފަތުރުގެ ދާއިރާއިން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަކީވެސް ސަރުކާރުގެ އަމާޒެކެވެ. މި މަޝްރޫޢުތަކާއެކު 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ހާސިލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

-01.jpg&w=3840&q=75)
