logo
MPL

MPL

ޚަބަރު

ހަރަދުތައް އިސްލާހުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ: ފިނޭންސް މިނިސްޓަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2026 - 04:02
''ހަރަދުތައް އިސްލާހުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ''

ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާއެކު، ރިޒާވް ވަރުގަދަކޮށް އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެނިހެން ބައިވެރިންގެ އެހީތެރިކަމަށް ރާއްޖެއިން އެދެމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މި ހަފުތާގައި ބެންކޮކްގައި ބާއްވާ އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުމުގެ ކުރިން ''ރޮއިޓާސް''އަށް އޮންލައިންކޮށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް އިސްލާހުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ މާލީ ހަމަޖެހުން ގާއިމުކޮށް، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އިގްތިސާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި އަދިވެސް އެހީތެރިކަން ބޭނުންވާކަމަށް ޒަރީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން މި އަހަރު ހަކަތައިގެ ސަބްސިޑީ ތިން ގުނައަށް އިތުރުކުރަން ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ. މި ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ކުރިން %7.1 ގައި ހިފެހެއްޓުމަށް އަމާޒުކުރި ބަޖެޓް ޑެފިސިޓް %9 އަށް އަރާފާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.

ހަކަތައިގެ އަގު ބޮޑުވުމާއި ފަތުރުވެރިން އަންނަ އަދަދު ދަށްވުމުގެ ސަބަބުން އިގްތިސާދަށް ބޮޑު ހީނަރުކަމެއް ލިބިފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެންމެ %1 ގައެވެ. ނަމަވެސް އިގްތިސާދީ ދުވެލި އަންނަ އަހަރު %3.8 އަށް އަދި 2028 ވަނަ އަހަރު %6.8 އަށް އަވަސްކުރުމަށް ރާއްޖެއިން އުންމީދު ކުރެއެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އަހަރަކު 300 އާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދަރަނި އަދާކުރުމަށް ރާއްޖެއިން ހޭދަކުރަންޖެހޭ ކަމަށާއި، މި ފައިސާ މައިގަނޑު ގޮތެއްގައި ދައްކާނީ ދައުލަތަށް ލިބޭ އާމްދަނީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އަވަށްޓެހި ގައުމަކާއެކު ވެފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ މި މަހު އަލުން އައުކުރެވޭނެ (ރޯލްއޯވާ ކުރެވޭނެ) ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ރިޒާވްގައި ރައްކާތެރި މިންވަރެއް ހިފެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، ރިޒާވްގައި ބަފަރއެއް ބެހެއްޓުމަށްޓަކައި ވަކި ފެސިލިޓީތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރާއި ތިން އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން 250 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފަސް އަހަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.

އިގްތިސާދީ ދިރުން އަލުން ހޯދުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އިގްތިސާދު ސިންދަފާތު ކުރުމަށާއި، 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތައް %33 އަށް އިތުރުކުރުމަށެވެ.

ހަމައެއާއެކު، ދަތުރުފަތުރުގެ ދަތިތަކަށް ހައްލު ހޯދައި ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ކުއްޔަށް ނެގުމަށް ދަނީ ރާވަމުންނެވެ. އަދި ރާއްޖޭގެ އަށްވަނައަށް އެންމެ ބޮޑު މާކެޓު ކަމަށްވާ އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ އިތުރުން، އެހެން ހަތް އެއާލައިނަކާއެކު ދަތުރުތައް އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ހަރަދުތައް އިސްލާހުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ''ޚަބަރު | ގަޑިއިރެއް ކުރިންއިދިކޮޅުގެ ދުއްތުރާތަކުން ހަށިފޮޅާލައި ރާއްޖެއަށް މާލީ ބޮޑު ކާމިޔާބީއެއްރިޕޯޓް | 5 ދުވަސް ކުރިންރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފިޚަބަރު | 6 ދުވަސް ކުރިންފުރަތަމަ އަހަރު 30 ބިލިއަން ޑޮލަރު، ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ބޮޑު އިންގިލާބެއްޚަބަރު | 22 ދުވަސް ކުރިން