ދިވެހީންގެ ނަޞްރަކާއި، ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީން: ރައީސް
12 ސެޕްޓެމްބަރު 2026 - 14:30

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބި، އެ ދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތައް އުޖާލާވިތާ 900 އަހަރު ފުރުމުގެ އުފާވެރި މުނާސަބާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވައި ހެޔޮ ދުޢާތައް ފޮނުއްވައިފޮ އެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މި ޚާއްޞަ މެސެޖުގައި، އެމަނިކުފާނު ވަނީ ދިވެހީންނަށް މި މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވިކަމަށްޓަކައި މާތްﷲ ގެހަޒުރަތުގައި ޙަމްދާއި ޝުކުރު ދަންނަވާފައެވެ.
ވޭތުވެދިޔަ 9 ޤަރުނުގެ ދިގު މާޒީގައި ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ތަމައްދުނަކާއި، އަދި ކޮންމެ ފާގަތިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް އައިސް، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމްދީންކަމުގައި ދެކި، އެ އުޞޫލުތަކުގައި ސާބިތުވެ ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހީންގެ ކޮންމެ ދުވަހެއްގެ އުޅުމާއި އާދަކާދަތަކުގެ އިތުރުން އެންމެހާ މުޢާމަލާތުތަކުގައިވެސް އިސްލާމީ ރިވެ,ޘަޤާފަތާއި އުސޫލުތައް އިސްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށް ބުރެއެއް އަރަން އުޅުނު ކޮންމެ ފަހަރަކު، ދުޝްމަނުންނާ ދެކޮޅަށް ކެރިގެން ޖިހާދުކޮށް މިނިވަންކަން ދަމަހައްޓާފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
އިސްލާމްދީނަކީ މި ޤައުމުގެ އިއްޔެއާއި، މިއަދުގެ އިތުރުން މާދަމާގެވެސް ސަލާމަތްތެރިކަމާއި ރައްކާތެރިކަންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ދިވެހީން އަބަދުވެސް މުސްލިމުންގެ ގޮތުގައި ލަހައްޓަވައި، އިސްލާމްދީނުގެ ބަރަކާތުން މި ވަޠަނަށް އަބަދުމެ މަތިވެރިކަމާއި އަމާންކަން އިތުރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާދަންނަވާފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރެއްގައި ފާހަގަކުރަމުން އަންނަނީ ރަބިޢުލްއާޚިރާ މަހުގެ 2 ވަނަ ދުވަހެވެ. މިފަދަ މަތިވެރި މުނާސަބާތަކުން ގެނެައިދެނީ އިސްލާމްދީނާ މެދު ދިވެހީންގެ ހިތްތަކުގައި އޮތް ލޯތްބާއި، ދީނީ ވަޙްދަތު އިތުރަށް ބަދަހިކުރުމުގެ މުހިންމު ކަމެވެ.


