އީ-ކޮމާސް ޕްލެޓްފޯމްތަކުން ދިވެހި ރުފިޔާ ކާޑުން ކުރާ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފި
13 ސެޕްޓެމްބަރު 2026 - 13:57

ރާއްޖެއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ބޭރު ފައިސާ ލިބުން ދަތިވުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ކާޑުތަކަށް ވަކި ލިމިޓްތަކެއް ކަނޑައަޅައިފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް ކަނޑައަޅާފައިވަނީ ޖުމްލަ 16 މިލިއަން ޑޮލަރެވެ.

Ad by Hajj Corporation
އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކަށް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ 150 ތަނަކަށް) މަހަކު 3 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި ކެޓެގަރީގެ ދުވާލުގެ ލިމިޓަކީ 100,000 ޑޮލަރެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް (މެޓަ، ޓިކްޓޮކް) މަހަކު 1.5 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ދުވާލުގެ ލިމިޓަކީ 50,000 ޑޮލަރެވެ. ދަތުރުފަތުރާއި ހޮޓެލް ބުކިންތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައަޅާފައިވާއިރު، މި ބައިން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން ޚިދުމަތްތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅާފެވެ. މި ހަތަރު ބައި އެއްކުރުމުން 13.5 މިލިއަން ޑޮލަރު އަރާއިރު، ބާކީވާ 2.5 މިލިއަން ޑޮލަރަކީ ސިއްހީ، ތައުލީމީ އަދި ޚާއްޞަ ބަފަރއަށް ހާއްސަކޮށްފައިވާ މިންވަރެވެ.
ސިއްހަތާއި ތައުލީމާ ގުޅޭ މުޢާމަލާތްތަކަށް ވަކި ލިމިޓެއް ކަނޑައަޅާފައެއް ނެތެވެ. އެއީ ޖުމްލަ 16 މިލިއަން ޑޮލަރުގެ ތެރެއިން ޚާއްޞަ ބަފަރއަކާއެކު މެދުނުކެނޑި ލިބޭނެގޮތަށް ހަމަޖައްސާފައިވާ ޚިދުމަތްތަކެކެވެ. ކޮންމެ ދުވަހަކުވެސް ދުވާލުގެ ލިމިޓްތައް ރީސެޓްވާނީ ހެނދުނު 7:00ގައެވެ. ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެއެވެ. ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ފުރިހަމަކުރެވޭނެއެވެ. ޑޮލަރު ކާޑުތަކަށް މި ލިމިޓެއް ނުހިނގާނެއެވެ.


