މަގުބޫލު އީ-ކޮމާސް ސައިޓުތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ހިނގާ: ބީއެމްއެލް
15 ސެޕްޓެމްބަރު 2026 - 03:31

އެންމެ ގިނައިން ކަސްޓަމަރުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އަދި އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ އީ-ކޮމާސް މުއާމަލާތް ހިނގަމުންދާކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރަމުންދާއިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ހިންގަމުންދެއެވެ.

Ad by Hajj Corporation
ބީއެމްއެލްއިން ހާމަކުރި ގޮތުގައި ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކުވެސް އީ-ކޮމާސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00 ގައެވެ. މި ވަގުތު ބޭންކުން ހާމަކުރުމާއެކު ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބުމުން، އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކަށް ކަނޑައަޅާފައިވާ މިންވަރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަވެގެންދެއެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ދުވަހުގެ ލިމިޓް ހަމަވުމުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، ކަސްޓަމަރަށް ވަގުތުން އެކަން އަންގައި ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތްކުރުމަށް އިރުޝާދު ދެވެއެވެ.
މިގޮތަށް ލިމިޓްތައް ކަނޑައެޅިފަހުން ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރުވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ބޭންކުން ފާހަގަކުރެއެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައިވެސް ލިމިޓް ލިބިގެންދާ ކަމެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދާ ދިވެހިންނާއި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ކަނޑައަޅާފައިވާ މިންވަރުތަކަށް ބަލާއިރު، އެންމެ ގިނައިން ބޭނުންކުރާ 150 ސައިޓަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު)، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް 1.5 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު)، ދަތުރުފަތުރާއި ހޮޓެލް ބުކިންގ އަށް 6 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު)، ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް 3 މިލިއަން ޑޮލަރު، އަދި އެހެނިހެން ހުރިހާ އޮންލައިން ވިޔަފާރިތަކަށް 1.8 މިލިއަން ޑޮލަރު ހިމެނެއެވެ. ސިއްހަތާއި ތައުލީމީ ޚިދުމަތްތަކަށް އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައިވެސް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ހާއްސަ ބަފަރެއް ވަނީ ކަނޑައަޅާފައެވެ.
ދުވާލަކު ވަކި މިންވަރެއް ކަނޑައެޅީ ޑޮލަރަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން، ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކޮށް، ކަސްޓަމަރުންނަށް ދުރާލައި ކަންކަން ރޭވުމަށް މަގުފަހިވާނޭހެން ދެފުށް ފެންނަ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސް އަދި އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކޮށްފައިވާއިރު، ހުރިހާ ދާއިރާއެއް ހިމެނޭހެން މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.


