logo
Bank of Maldives

Bank of Maldives

ކޯޓް ރޫމް

ލޮކްޑައުންގައި ފެންޓަސީން މުވައްޒަފަކު ވަކިކުރީ ގާނޫނާ ޚިލާފަށް: ހައިކޯޓު

މެންދުރު ޓީމް
20 ސެޕްޓެމްބަރު 2026 - 08:14
ލޮކްޑައުންގައި ފެންޓަސީން މުވައްޒަފަކު ވަކިކުރީ ގާނޫނާ ޚިލާފަށް: ހައިކޯޓު

ކޮވިޑް-19 ގެ ފުރަތަމަ ލޮކްޑައުންގައި ގޭގައި ހުރެގެން މަސައްކަތްކުރަން އެދުނު މުވައްޒަފަކު، ވަޒީފާއަށް ހާޒިރުނުވާކަމަށް ބުނެ ފެންޓަސީ ޕްރައިވެޓް ލިމިޓެޑުން ވަކިކުރީ ގާނޫނާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

ފެންޓަސީގެ އިސްތިއުނާފު (‪2021/HC-A/431) ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމާއެކު، އެ ކުންފުނީގެ ކުރީގެ އެޗް.އާރު އެންޑް އެޑްމިން އެގްޒެކެޓިވް މަރްޔަމް ރީޝާއަށް އެއް އަހަރުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 156,000 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން ކުރި އަމުރު ދެމި އޮންނާނެއެވެ. އެހެންނަމަވެސް، އޭނާ 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާތީ، އެ ތާރީޚުން ފެށިގެން އާ ވަޒީފާގެ އަސާސީ މުސާރަ ކަމަށްވާ މަހަކު 7,500 ރުފިޔާ އެ އަދަދުން އުނިކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2013 ވަނަ އަހަރުން ފެށިގެން ފެންޓަސީގައި މަސައްކަތްކުރަމުން އައި މަރްޔަމް ރީޝާ، 2020 ވަނަ އަހަރުގެ އެޕްރީލް މަހު މާލެ ލޮކްޑައުން ކުރުމުން އޯޑަރު ނަގާ ޓީމުގެ 20 އެޕްރީލްގެ ޑިއުޓީ ޝެޑިއުލްގައި ކުންފުނިން ހިމެނިއެވެ. އެ ދުވަހު އޭނާ ބަލިވެގެން ސަލާމް ބުނެ، ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ހުއްދައަށް ވައިބަރުންނާއި ޖެހިގެން އައި ދުވަހު އީމެއިލުން އެދުނެވެ. އެ އެދުމަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ކުންފުނިން 21 އެޕްރީލްގައި ފޮނުވި ސިޓީގައި އެންގީ، މަގުބޫލު ސަބަބެއް ނެތި ވަޒީފާއަށް ނުނިކުންނަނަމަ ވަކިކުރުން ހިމެނޭ ގޮތަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. 22 އެޕްރީލްގައި އޭނާ އަނެއްކާވެސް ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަދައިދިނުމަށް އެދުނު ނަމަވެސް، އެ ފުރުސަތު ނުދީ 27 އެޕްރީލް 2020 އިން ފެށިގެން އޭނާ ވަކިކުރިއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޓްރައިބިއުނަލުން ނިންމީ (‪124/VTR/2020)، އެކަށީގެންވާ ސަބަބެއް ނެތި، މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް އޭނާ ވަކިކޮށްފައިވާ ކަމަށެވެ. ވަޒީފާ އަނބުރާ ދިނުމަށް އޭނާ އެދިފައި ނުވާތީ، މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ މަހަކު 13,000 ރުފިޔާގެ ނިސްބަތުން އެއް އަހަރަށްވާ 156,000 ރުފިޔާ ނަގައިދީ، ސަލާމް ބުނި ދެ ދުވަހުގެ މުސާރައާއި ވަޒީފާ އަދާކުރިކަމުގެ ލިޔުމެއް ދިނުމަށް ވެސް އަމުރުކުރިއެވެ.

ހައިކޯޓުގައި ފެންޓަސީން ބުނީ، އެޓެންޑެންސް ޝީޓާއި ބަޔާންތަކަށް ޓްރައިބިއުނަލުން ރިއާޔަތްކޮށްފައި ނުވާ ކަމަށާއި، ތަކުރާރުކޮށް އެންގުމުން ވެސް މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވުމަކީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ނުދީ ވަކިކުރެވޭނެ ސަބަބެއް ކަމަށެވެ. އަދި މައްސަލަ ނިންމަން ޓްރައިބިއުނަލުން އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު އެއް އަހަރުގެ މުސާރަ ނަގައިދިނުމަކީ އޭނާއަށް ނުހައްގު މުއްސަނދިކަމެއް ލިބޭ ގޮތަށް، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު އަބްދުއްރަހްމާން ގަޒިއްޔާ (‪2018/SC-A/49) ގެ އުސޫލާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބުންޏެވެ. މަރްޔަމް ރީޝާގެ ފަރާތުން ބުނީ، ފުލުހުންގެ ހުއްދައަކާ ނުލައި ބޭރަށް ނުދެވޭ ދުވަސްވަރެއްގައި، ގޭގައި ތިބީ ހައި ރިސްކް މީހުންކަން އަންގައި، ގޭގައި ހުރެގެން މަސައްކަތްކުރަން ތައްޔާރަށް ހުރިކަން އެކި ފަހަރު މަތިން އަންގާފައި ވަނިކޮށް ވަކިކުރީ ކަމަށާއި، ރޯގާގެ އަލާމާތްތައް ހުރެގެން އެޗް.ޕީ.އޭގެ އޮންލައިން ކްލިނިކަށް ދެއްކިކަން އެންގުމުން ވެސް ސަލާމް ބަލައިނުގަތް ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ލިޔުއްވި ރައުޔުގައި ވިދާޅުވީ، އެޓެންޑެންސް ޝީޓުގައި "އެބްޒެންޓް" ކަމަށް އޮތް އެއްވެސް ދުވަހަކީ އޭނާ ހާޒިރުވި ދުވަހެއް ކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައި ނުވާ ކަމަށާއި، ޓްރައިބިއުނަލުން ބެލީ ހާޒިރުނުވިތޯއެއް ނޫން، ހާޒިރުނުވެވި އޮތް ސަބަބަށް ކަމަށެވެ. 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ނުދީ ވަކިކުރެވޭނީ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮންނަންޖެހޭ އިތުބާރު ގެއްލޭފަދަ ސީރިއަސް ސުލޫކީ މައްސަލައެއް ފަދަ ސަބަބެއް އޮވެގެން ކަމަށާއި، ސަލާމް ބުނި ދެ ދުވަހަށްފަހު ޑިއުޓީ ޝެޑިއުލެއް ފޮނުވިކަން ސާބިތުނުވާއިރު، ގޭގައި މަސައްކަތްކުރަން އެދުނު އެދުމަށް ޖަވާބެއް ވެސް ނުދޭ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމާއި އިދާރީ ތަހުގީގެއް ހިންގުމަކީ އިޖުރާއީ އަދުލުވެރިކަމުގެ އަސާސް ކަމަށާއި، ސިޓީ ފޮނުވުން ފިޔަވައި ފެންޓަސީން އެއްވެސް ތަހުގީގެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ބަދަލުގެ މިންވަރާ ގުޅޭގޮތުން ފަނޑިޔާރު ވިދާޅުވީ، ގާނޫނާ ޚިލާފަށް ވަކިކުރުމުން ނަގައިދޭ މުސާރައަކީ މައްސަލަ ނިމެންދެން ހިނގި މުއްދަތުގެ މުސާރައެއް ނޫން ކަމަށާއި، އެއީ "ޣައިރުޤާނޫނީކޮށް ވަކިކުރުމުގެ ސަބަބުން މުވައްޒަފުގެ ދިރިއުޅުމަށް އައި ހުއްޓުމާއި، އަބުރާއި، މާލީ ނުވަތަ ނަފްސާނީ ގޮތުން ކުރިމަތިވި ގެއްލުމުގެ ބަދަލެއް" ކަމަށެވެ. އާ ވަޒީފާގެ މުސާރަ އުނިކުރަން ޓްރައިބިއުނަލުން ކަނޑައަޅާފައި އޮތުމުން ދެ މުސާރަ ލިބޭނެ މަގު ބަންދުވެފައިވާ ކަމަށާއި، އެއީ ފެންޓަސީން ހަވާލާދިން ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ބާރުއަޅާ ހަގީގީ ގެއްލުމަށް ބަދަލުދިނުމުގެ އުސޫލާ އެއްގޮތް އިންސާފުވެރި ބަދަލެއް ކަމަށް ހުކުމުގައި ބުނެއެވެ.

2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ހައިކޯޓުގައި ރަޖިސްޓަރީކުރެވުނު މި އިސްތިއުނާފުގެ އަޑުއެހުން ބޭއްވީ މިދިޔަ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ބެންޗެއްގައި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމެވެ. ފެންޓަސީގެ ފަރާތުން ވަކާލާތުކުރެއްވީ ޗެމްބަރސް އިން އެލް.އެލް.ޕީގެ އާއިޝަތު އިބްތިހާލް އަބްދުލްޣަފޫރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޮކްޑައުންގައި ފެންޓަސީން މުވައްޒަފަކު ވަކިކުރީ ގާނޫނާ ޚިލާފަށް: ހައިކޯޓުކޯޓް ރޫމް | ގަޑިއިރެއް ކުރިންމިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް 277 މައްސަލަ ހުށަހެޅިޚަބަރު | އަހަރެއް ކުރިން