ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖުތަކެއް އަތުލައިގެންފި
22 ސެޕްޓެމްބަރު 2026 - 06:06

ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަންގައި މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެ އެވެ.
ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ވޭޕް އެތެރެކޮށް ވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކާ ސުވާލުކޮށް، ތަނެއް ބަލައި ފާސްކުރި ކަމަށް ބުނި ނަމަވެސް އެ މީހުން ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިޔަފާރިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަނާކޮށްފައިވާ ކަމެކެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުންވެސް ގެންދެ އެވެ.
.png&w=750&q=75)
Ad by Hajj Corporation


