ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަނީ
21 އޮކްޓޯބަރު 2024 - 18:25
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓު އުވާލުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް، ހުށަޅާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 05 ޑިސެމްބަރު 2012 ގައި ނިންމި ގަޒިއްޔާގައި ފައިސަލާކޮށް ނިޔާ ކަނޑައަޅުއްވާފައިވެއެވެ.
ސްޕްރީމް ކޯޓުގެ އެ ނިންމުމުގައި ބުނެފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގަނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ. އެގޮތުން ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއްކަމަށް ވިޔަސް، ހުޅުމާލެއަކީ މާލޭގެ ޖުޑީޝަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމަށެވެ.
އަދި މާލޭގައި ގާއިމްވެފައިވާ ސުޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ނިޔާ ބިނާވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން އެ ކޮމިޝަނަށް ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން ސްޕްރީމް ކޯޓަށްވެސް ހުށައެޅިއެވެ.
އެ މައްސަލައިގައި ސްޕްރީމް ކޯޓުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތް ކަމަށާއި، އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގައި ބުނާ ގޮތުގައި މާލޭގައި ހުންނަ ފަދަ ސުޕީރިއަރ ކޯޓުތައް ހުންނަ ރަށްތަކުގައި މެޖިސްޓްރޭޓު ކޯޓެއް ނުހުންނާނެ އެވެ. ސުޕީރިއަރ ކޯޓަކީ ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފައްދާ ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓެވެ. އެގޮތުން ގާނޫނުގެ ދަށުން މާލޭގައި އުފައްދާ ހަތަރު ސުޕީރިއާރ ކޯޓަކީ ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓެވެ.