އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި
6 އޮކްޓޯބަރު 2026 - 19:24

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ތެރެއިން، ހއ. އުލިގަމުގައި އެ މަރުކަޒުގެ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އުލިގަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ގޮފި ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، އުލިގަމު ކައުންސިލްގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، އިތުރު ރަށްތަކެއްގައިވެސް މިހާރު ދަނީ އެ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރޭގައި ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރު ހިމެނެއެވެ.
ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރާ، އަދި އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ޙާފިޡުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީވެސް ޤުރުއާނުގެ ޢިލްމު ދިރުވުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. އަދި ކީރިތި ޤުރުއާނުގެ ދާއިރާއަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ވަޤްފު މަޝްރޫޢެއް ފެށުމަށްވެސް ވަނީ ނިންމަވާފައެވެ.

-01.jpg&w=3840&q=75)
