ރޯދައަށް އުފާވެރި ޚަބަރެއް: ރާއްޖޭގެ އެކި ކަންކޮޅުތަކުން 14 މިސްކިތެއް ހުޅުވަނީ
14 އޮކްޓޯބަރު 2026 - 14:10

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރަމަޟާން މަހަށް ހުޅުވޭ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވޭ ދާއިމީ ތިން މިސްކިތެއް ހިމެނޭ ކަމަށެވެ. މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެކަށީގެންވާ ވަރަށް މިސްކިތް ނެތް ރަށްރަށުގައި މިސްކިތްތައް އެޅުމާއި، އާބާދީ ބޮޑެތި ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ އިތުރުން މާލެއާއި ވިލިމާލޭގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ މިސްކިތްތައް ބިނާކުރުން ހިމެނެ އެވެ.
.png&w=750&q=75)
Ad by Hajj Corporation
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން:
ހއ. ތުރާކުނު: ސަރުކާރުން ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ރެކްޓިފިކޭޝަން މަސައްކަތްތަކެވެ. މި މިސްކިތް 2026 ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ގއ. ވިލިނގިލި: ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާއިރު، 2026 އޮކްޓޫބަރު މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިމޭނެ އެވެ. އަދި އެ ރަށުގައި އަލަށް ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އައްޑޫ ސިޓީ މީދޫ: 700 މީހުންގެ ޖާގައިގެ މިސްކިތުގެ ފިނިޝިންގ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އއ. ހިމަންދޫ: 300 މީހުންގެ ޖާގައިގެ މިސްކިތުގެ ފިނިޝިންގ މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
އދ. ދިގުރަށް: 300 މީހުންގެ ޖާގައިގެ މިސްކިތުގެ ޢިމާރާތްކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މުންނާރުގެ މަސައްކަތް ކުރުމަށް އަންނަ ހަފުތާގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ އެވެ.
ދ. ރިނބުދޫ: 500 މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ރޫފް ސްލެބް އެޅުމަށް ވާންޖެހޭ ތައްޔާރީތަކެވެ.
މާލެއާއި ހުޅުމާލޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް މިސްކިތްތައް ބިނާކުރުމާއި ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

-01.jpg&w=3840&q=75)
